މާލެ ފިޔަވައި އެހެން ރަށްރަށުގައިވެސް ގެސްޓުހައުސް ހެދޭގޮތަށް މަޖިލީހުން ފާސްކޮށްފި
މާލެ ފިޔަވައި އެހެން ރަށްރަށުގައިވެސް ގެސްޓްހައުސް ހެދޭގޮތަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްވެގެން ދިޔައީ، މާލޭ މެންބަރު މުޙަންމަދު ޝިހާބު ހުށަހަޅުއްވި، މާލެއާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓް ހައުސް ހިންގުން މަނާކުރާ ސަރުކާރުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށް އަންގާ ޤަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ތިރީސް ދެ މެންބަރުން ވޯޓު ދެއްވައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެޤަޜާރު ފާސްކުރުމާއި ގުޅިގެންނެވެ.
ޤަރާރު ފާސްކުރެއްވުމަށްފަހު، ކުރިއަށް ގެންދަވާފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ، ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުންނާއި، ސަފީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ މުޝީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި އާމްދަނީގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް 14 މެންބަރުންގެ އިތުރުން ބިލު ހުށަހެޅުއްވި މެންބަރު ވާހަކަދައްކަވާފައިވެއެވެ. މިބިލަށް ވާހަކަދެއްކެވުމަށް އެދިވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށްފަހު، މިބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާޤުންނެވެ. ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވުމުން ބިލު ފޮނުވާނެވަކި ކޮމިޓީއެއް ނިންމެވުމަށް މެންބަރުންނަށް ފުރުޞަތު ދެއްވުމުން ހުށަހެޅި ތާއީދު ލިބިފައިވަނީ މިބިލު އިޖްތިމާޢީ ކަންކަމުގެ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅިފައިވާ ހުށަހެޅުމަކަށެވެ. އިތުރު ހުށަހެޅުމެއް ހުށަހެޅިފައި ނެތުމުން ރިޔާސަތުން މިބިލު މަޖިލީހުގެ އިޖްތިމާޢީ ކަންކަމުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމެވީއެވެ.
އެއަށްފަހު، ކުރިއަށް ގެންދަވާފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ، ވެލްފެއަރގެ ކަންތައްތައް އެއްމުއައްސަސާއަކުން ބެލެހެއްޓުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާއެވެ. ބިލު ހުށާހެޅުއްވި މެންބަރުގެ އިތުރުން މިއަދުގެ ޖަލްސާގައި 7 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިބިލަށް އިތުރު މެންބަރުން ވާހަކަދެއްކެވުމަށް އެދިވަޑައިގެން ތިއްބަވަނިކޮށް ޖަލްސާގެ ވަގުތު ހަމަވުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
ހުސްވަގުތުކޮޅުގެ ކުރިން، 39 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 40 ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބެވެ.


