ތޮއްޑޫގައި 200 އެނދުގެ ރިޒޯޓެއް ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އއ.ތޮއްޑޫގައި ދުއިސައްތަ އެނދުގެ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީ ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީހުން ދިރިއުޅޭ މިރަށުގައި ރިސޯޓް ތަރައްޤީ ކުރެއްވުމަށް ފުރުސަތު ހުޅުވާލައްވާފައި ވަނީ ރަށު ފަޅުން ބައެއް ހިމެނޭ ގޮތަށެވެ.އއ.ތޮއްޑޫގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ފޮތް(ބިޑިންގ ޑޮކިއުމަންޓްސް) ވިއްކުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 25 އޯގަސްޓް 2008 ވާ ބުރާސްފަތި ދުވަހާ ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 9.30 އިން ފެށިގެން13.30 އަށް ޓޫރިޒަމް މިނިސްޓްރީގެ ކައުންޓަރުންނެވެ.
ބީލަން ފޮތެއްގެ އަގަކީ، ދިވެހިންނަށް، ނުވަތަ ސަތޭކައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް 2000 ދިވެހި ރުފިޔާއަށެވެ. ބިދޭސީ ފަރާތްތަކަށް ނުވަތަ ބިދޭސީން ހިއްސާވާ ކުންފުނިތަކަށް 300 އެމެރިކާ ޑޮލަރަށެވެ.ބީލަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 25 ސެޕްޓެމްބަރ 2008 ވާ ހޯމަދުވަހު 13.00ގައެވެ.
ބީލަން ތައްޔާރު ކުރައްވައި ހުށަހަޅުއްވަންވާނީ 29 ސެޕްޓެމްބަރ 2008 ވާ ހޯމަ ދުވަހުގެ 13.00 ކުރިންނެވެ. ބީލަން ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ އެމެރިކާ ޑޮލަރުގެ ބިޑް ސެކިއުރިޓީ(ބޭންކް ގެރެންޓީ) އެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

