ޒަޢީމް ތޮއްޑޫއަށް ވަޑައިގެން އަށިތަކުގައި ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފި
ރިޔާސީ ކެނޑިޑޭޓް ޑީ.އާރު.ޕީ.ގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އއ.ތޮއްޑޫ އަށާއި އެ އަތޮޅު ރަސްދޫއަށް މިއަދު ހެނދުނު ފެއްޓެވި ދަތުރު ފުޅުގައި ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ފިނިއަށި ތަކުގައި ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.
ޒަޢީމް މިއަދު ހެނދުނު ތޮއްޑޫއަށް ވަޑައިގެންނެވުމުން ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. އެރަށުން އެމަނިކުފާނުގެ ސިޔާސަތަށް ފާޑު ކިއުމުގެ އެއްވެސް ކަހަލަ ހަރަކާތެއް ފެނިފައެއްނުވެއެވެ. އެމަނިކުފާނު ތޮއްޑޫއަށް ވަޑައިގެންނެވުމުން ރައްޔިތުންވަނީ އުފާޅުކޮށް އެމަނިކުފާނަށް ތާޢީދު ކުރާކަން ފާޅުކޮށްފައެވެ.
ޒަޢީމް ތޮއްޑޫއަށް ވަޑައިގެން އެރަށު ގޮނޑުދޮށުގައި ހުންނަ ފިނިއަށި ތަކުގައި ޢާއްމުންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ ޙާލު އަހްވާލް އޮޅުން ފިލުއްވައި އެމީހުން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައި ކަންތައްތައް އޮޅުން ފިލުއްވައި ދެއްވިއެވެ. މިބައްދަލު ކޮށްލެއްވުމުގައި ރަށުގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުންނެއްހެން ވަނީ ބައިވެރިވެފައެވެ. ޒަޢީމް ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު މިއަދު މެނދުރުފަހު ރަސްދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢަސުރު ނަމާދަށްފަހު މީޑިޔާ އާއި ބައްދަލު ކުރެއްވުމަށްފަހު ރަސްދޫ ރައްޔިތުންނާވެސް ޒަޢީމް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިރު އޮބްޒާވަރުގެ މުރާސިލް ރަސްދޫން މަޢުލޫމާތު ދިންގޮތުގައި ރަސްދޫއަށް ޒަޢީމް ވަޑައިގެންނެވުމާއި ގުޅިގެން އެރަށުންވެސް އެމަނިކުފާނަށް ވަރަށްބޮޑު ތާޢީދެއް އޮތްކަން ރައްޔިތުންވަނީ ހާމަކޮށްފައެވެ. އެގޮތުން އެރަށުގެ ހުރިހާ ރައްޔިތުންވެސް ޒަޢީމަށް މަރުޙަބާ ކިޔައި އުފާވެރި ޝުޢޫރުތައް ފާޅުކޮށްފައި ވެއެވެ. ޒަޢީމް ތޮއްޑޫ އަށާއި ރަސްދޫއަށް ކުރެއްވި ޒިޔާރަތަށްފަހު މިއަދު އިރުއޮއްސި ހަޔެއް ޖަހާކަންހާއިރު މާލެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


