ޕާކިސްތާނުގެ ރައީސަކަށް ދެން ހޮވޭނީ ބުއްޓޫ ޕާޓީގެ މީހެއް- ބިލަވާލް
19 August 2008 | Salma
ޕާކިސްތާންސް ޕީޕަލްސް ޕާޓީގެ ޗެއާމަން ބިލަވާލް ބުއްޓޫ ޒަދާރީ ހާމަކުރިގޮތުގައި އެޤައުމުގެ ރައީސަކަށް ދެން ހޮވޭނީ އެޕާޓީގެ މެމްބަރެކެވެ.
ބިލަވާލް މިހެން ބުނެފައިވަނީ ޕާކިސްތާނުގެ ރައީސް ޕަރްވޭޒް މުޝައްރަފް އެޤައުމުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދިނުމާއި ގުޅިގެން ނޫސްވއެރިންނަށް އިއްޔެ ދިން ބަސްތީގަތުމެއްގައެވެ. މުޝައްރަފްވަނީ އިއްޔެ ޓީވީ މެދުވެރިކޮށް އޭނާގެ އިސްތިއުފާ އިޢުލާންކޮށްފައެވެ. އަދި އެޤައުމުގެ ސަރުކާރުންވަނީ މި އިސްތިއުފާ ޤަބޫލުކުރިކަން ހާމަކޮށްފައެވެ. ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ރައީސް ފަޙްމީދާ މިރްޒާ ހާމަކުރެއްވިގޮތުގައި މިއީ 1973 ވަނަ އަހަރުގެ ކޮންސްޓިޓިއުޝަނަށްފަހު އެޤައުމުގައި ރައީސަކު ނެޝަނަލް އެސެމްބްލީގެ ރައީސަށް އިސްތިއުފާ ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ.
މުޝައްރަފް އިސްތިއުފާ ދިނުމާއި ގުޅިގެން އެޤައުމުގެ ވަގުތީ ރައީސްކަމަށް ސެނެޓްގެ ޗެއާމަން މުޙައްމަދުމިއާން ސޫމްރޯވަނީ އައްޔަންކުރެވިފައެވެ.


