އައިޕޮޑްގެ ބޭނުމުގައި 14 އަހަރުގެ ފިރިހެން ކުއްޖެއް، 10 އަހަރުގެ އަންހެން ކުއްޖެއް މަރާލައިފި
އިންޑިއާގެ އިރުމަތީ ސަރަހައްދެއްގައި 14 އަހަރުގެ ފިރިހެން ކުއްޖެއް، 10 އަހަރުގެ އަންހެން ކުއްޖެއް މަރާލައިފިއެވެ.
ފުލުހުން މަޢުލޫމާތުދިންގޮތުގައި މި ފިރިހެން ކުއްޖާ މިއަމަލު ކޮށްފައިވަނީ އޭނާއާއި އެއް ސްކޫލެއްގައި އުޅޭ، އޭނާއަށްވުރެ ހަގު އަންހެން ކުއްޖެއްގެ އަތުގައި އޮތް އައިޕޮޑެއް ބޭނުންވެގެންނެވެ. މި ފިރިހެން ކުއްޖާވަނީ 30 ފޫޓުގެ ފާލަމެއްގެ މަތިން އަންހެން ކުއްޖާ ވައްޓާލުމަށްފަހު، ތިރިއަށް ފައިބާ، އޭނާ ހޭނެތިފައި އޮއްވާ ކަރުގައި ހިފާ މަރާލާފައެވެ.
އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ އަވަށެއްގައި ހުންނަ މިދެކުދިން ކިޔަވަމުންދާ ސްކޫލުގެ ހެޑްމާސްޓަރ ބުނިގޮތުގައި އެފަރާތުންވަނީ އެސްކޫލުގެ ދަރިވަރުންގެ ކިބައިން މޮބައިލް ފޯނާއި އައިޕޮޑް ފަދަ އަގުބޮޑު ސާމާނު ނުގެނުމަށް އެދިފައެވެ. އިންޑިއާގެ އިޤްޞާދަށް އައި ކުއްލި ބަދަލާއެކު އެޤައުމުގެ މުއްސަނދި އެތައް މިލިއަން ބަޔަކަށް އޭގެ ފައިދާކުރިނަމަވެސް މެދު ފަންތީގެ މީހުންނަށް މިކަމުގެ މަންފާއެއް ލިބިފައެއް ނުވެއެވެ.
މިހާދިސާއާއި ގުޅިގެން މި ފިރިހެން ކުއްޖާ މި ކުށް ކުރިކަން ސާބިތުވެއްޖެނަމަ އޭނާއަށް 10 އަހަރު ދުވަހަށް ޖުވެނައިލް ޑިޓެންޝަނަށް ލުމުގެ ހުކުން އަންނާނެއެވެ. މިހާދިސާއާއި ގުޅިގެން ފިރިހެން ކުއްޖާގެ އާއިލާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


