ހިމަންދޫ... |ޕާކްގެ ގޮއްވާލުން....| ސަރުކާރާ ކުރެވޭނެ ސުއާލު
ކުޑަކަމެއް ނޫނެވެ. ސަލްޓަން ޕާކްގެ ގޮއްވާލުމަށްފަހު ހިމަންދޫއިން ފެނިގެން ގޮސްފައިވަނީ ދެކެން ބޭނުން ނުވާފަދަ ހައްދުފަހަނައަޅައިފައިވާ ފަދަ މަންޒަރެކެވެ. ސަރުކާރުން ބާއްވާ ދީނީ ނަސޭޙަތް ދިނުމުގެ ފައިދާ ނުފެންނަކަން މިމަންޒަރުތަކުން ދޭހަވެއެވެ. އަދި ސަރުކާރުގެ ކޮންޓްރޯލް، މަދު ބަޔަކާ ހެދި މުޖުތަމައެއްގައި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެސް ރައްޔިތުންނަށް އިޙުސާސް ކުރެވިފައި ވެއެވެ.
ހިމަންދޫގެ ހައްދު ފަހަނަޅާފައިވާ މަންޒަރުތަކާއި، ބޮން ގޮއްވުމުގެ ހާދިސާއިން މިއަދުގެ ސަރުކާރާ ރައްޔިތުންނާއި ދެން ތިބީންވެސް އެތަކެއް ސުއާލެއް ކުރާނެއެވެ. އަދި މިސުއާލުތަކަށް އެދެވޭ ގޮތުގައި ސާފު ޖަވާބުތަކެއް ސަރުކާރުން ނުދެއްވާހައި ހިނދަކު މީހުންގެ ހިތެއް ހަމައެއްވެސް ނުޖެހޭނެއެވެ. އަދި ކުޑަކުދިން ކަނޑިހިފައިގެން މާސްކުއަޅައިގެން އުޅުނު މަންޒަރުތަކުންނާއި އެނގިގެން ދިޔަ ކަންތައްތަކުން މީހުން ތިބީ ސަރުކާރުން ބުނާ ކޮންމެ ކޮންމެ ވާކައެއް ޤަބޫލުކޮށްލައިގެން ތިބޭނެ ފެންވަރެއްގައެއް ނޫނެވެ.
ސަރުކާރާ ކުރަން ބޭނުންވާ ސުއާލުތައް ތރީގައި މިވަނީއެވެ. އަދި ކިޔުންތެރިން ހުށަހަޅާ ސުއާލުތައް އިތުރުކޮށް މިލިސްޓް ފުރިހަމަ ކުރެވޭނެއެވެ.
1. ހިމަންދޫވިއަސް އަދި ބޮމުގެ ހަމަލާ ވިއަސް މިގޮތަށް ކަންތައްތައް މެދުވެރިވުމަށް ދިމާވީ ކޮންކޮން ކަމަކާ ނުވަތަ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟
2. ބޮން ގޮއްވާލުމުގެ އަޑީގައި ހުރީ ކާކު ހެއްޔެވެ؟ ދިވެއްސެއް ހެއްޔެވެ؟
3. ހިމަންދޫގެ ހައްދުފަހަނައަޅައި ދިއުމުގެ އަޑީގައި ހުރީ ކާކު ހެއްޔެވެ؟ ހިމަންދޫމީހުންގެ ހެދުމާއި އުޅުމަށް އަސަރުކޮށްފައިވަނީ، ކޮން ހިސާބެއްގެ ސަގާފަތަކުން ހެއްޔެވެ؟ މިމީހުންގެ ސިކުނޑި މިހާފަސޭހައިން ދޮވެލެވުނީ، ކީއްވެގެން ހެއްޔެވެ؟
4. މިހާދުވަސްވަންދެން ސަރުކާރުން ހިމަންދޫއާ މެދު ފިޔަވަޅު ނައަޅައި ޤާނޫނާ ދެކޮޅަށް ނިކުތް ބަޔަކަށް މިހާ ދިގު މުއްދަތެއް ދީގެން ބަލަބަލައި ތިބީ ކީއްވެގެން ހެއްޔެވެ؟
5. ހިމަންދޫގެ ރައްޔިތުންގެ ތެރޭން ރާއްޖޭން ބޭރަށް ތަޢްލީމަށް ދިޔައީ ކިތައް މީހުންހެއްޔެވެ؟ މިމީހުން ދިޔައީ ކޮންތާކަށް ކާކު ފައިސާ ދީގެން ހެއްޔެވެ؟ ހިމަންދޫއަށް ބޭރުން އަރައި އުޅުނީ ކޮން ބައެއް ހެއްޔެވެ؟ އެމީހުންގެ ހައްދުފަހަނަޅާފައިވާ ސަލަފީ ފިކުރުގެ ވިހަ އޮށް މިހާރު އެމީހުން އިންދަމުން ދަނީ ކޮންތާކު ހެއްޔެވެ؟
6. ހިމަންދޫ މީހުންނާއި ބޮން ގޮއްވާލި މީހުން އާމްދަނީ ހޯދަނީ ކޮން ގޮތަކުން ހެއްޔެވެ؟ މިމީހުންގެ ބޭންކް އެކައުންޓްތައް އެބަހުރި ހެއްޔެވެ؟ އަދި މިއެކައުންޓްތަކަށް ބޭރުން ފައިސާ ވަދެފައިވޭ ހެއްޔެވެ؟ އަދި މިމީހުން ނުވަތަ މިމީހުންނާ ގުޅިފައިވާ ޝައްކު ކުރެވޭގޮތަކަށް ތިބޭ ބަޔަކު އަވަސް އަވަހަށް ކައިރިކައިރީގައި ރާއްޖޭން ބޭރަށް ގޮސް އައިސް އުޅޭ ހެއްޔެވެ؟ މިފަދަ މީހުން އާންމުކޮށް ގޮސް މިއުޅެނީ ކޮންކޮން ޤައުމުތަކަށް ހެއްޔެވެ؟
ހިމަންދޫއަކީ ޤައުމަށް އޮތް ހުތުރެކެވެ. ވުމާއެކު ސަރުކާރާ ރައްޔިތުން ކުރާނެ ގިނަ ސުއާލުތައް ހުންނާނެއެވެ. މިސުއާލުތަކަށް ސަރުކާރުން ސާފުބަހުން ޖަވާބު ދޭންވާނެއެވެ. އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން މިމައްސަލަ ދިރާސާ ކުރުމަށްފަހު ސަރުކާރުން އެދެވޭ ފިޔަޅުތައް އަޅައި ދެވަނަ ފަހަރަށް މިފަދަ ކަމެއް ސަރުކާރުގެ ލޯމަތިން ތަކުރާރު ވިޔަ ނުދިނުމަކީ ހަމަޖެހޭ ޤައުމަކާއި، ބާރު ހިނގާ ސަރުކާރެއް ޤައުމުގައި އޮތްކަން ރައްޔިތުންނަށް ސާބިތުކޮށްދެވޭނެ ގޮތެކެވެ.
(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
09 October 2007
himwncdU twrwacgIkurumwSc swrukWrunc kurIkonckwmea? s


