ބުޝްއާއި ބައްދަލުވިތާ ދެހަފްތާނުވަނީސް ސައްތާރު އަވަހާރަ ކޮށްލައިފި.
14 September 2007 | Mohamed Saleem
އެމެރިކާގެ ރައީސް ޖޯޖުބުޝް މިދިޔަ ހަފްތާގައި އިރާހަށްކުރެއްވި ސިއްރު ދަތުރުފުޅުގައި، ބުޝް ބައްދަލުކުރެއްވި އިރާގުގެ ސުންނީ ލީޑަރ ޢަބްދުއްސައްތާރު އަބޫރިޝާ އަވަހާރަ ކޮށްލައިފިއެވެ. ޢަބްދުއްސައްތާރަކީ، އެމެރިކާ ސިފައިންނާއި ގުޅިގެން، އިރާގުން އަލްގައިދާގެ ބާރު ކަނޑުވާލަން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލީ، އޭނާގެ ގެކޮޅުކައިރީގައި ދެވުނު ބޮމުގެ ޙަމަލާއެއްގައެވެ. ސުންނީ ލީޑަރ ސައްތާރު އަވަހާރަ ކޮށްލުމުން ދޭހަކޮށްދެނީ އިރާގުގައި އަލްގައިދާގެ ބާރު ވަރަށް ގަދަކަމެވެ. އަދި އަލްގައިދާ ޖަމާއަތާއި ދެކޮޅަށް ތެދުވާ ކޮންމެ ޖަމާއަތަކަށް ނުރައްކައު އޮތްކަމެވެ. މަރުޙޫމް އަބްދުއްސައްތާރަކީ، އޭނާގެ ޖަމާއަތުގެ ފައުޖުތަކުގެ އެހީތެރިކަން، އެމެރިކާ ސިފައިންނަށް، އަލްގައިދާގެ ހަރަކާތްތައް ހުއްޓުވުމުގެ ބޭނުންފުޅުގައި އަރުވަމުން އަންނަ ލީޑަރެކެވެ. އެމެރިކާގެ ރައީސް ބުޝް، ސައްތާރު އާއިއެކު، މިފަހަރުގެ ދަތުރުފުޅުގައިވެސް، އަލްގައިދާގެ އަސަރު އިރާގުން ކަނޑުވާލުމާބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް، ޚަބަރުތައް ބުނެއެވެ. ސައްތާރު އަވަހާރަކޮސްލުން ވެގެންދާނީ ރައީސް ބުޝްއަށް ލިބިވަޑައިގަތް ކުއްލި ސިހުމަކަށެވެ. ރޯދަމަހުގެ ފުރަތަމަ ދުވާއިދިމާކޮށް، ސައްތާރުގެ ކާރުކޮޅަށް މިދެވުނު ބޮމުގެ ހަމަލާގައި އޭނާގެ ދެ ބޮޑީގާޑުންނާއި ޑްރައިވަރުވެސް ވަނީ މަރުވެފައެވެ.


